-
@ Karam
2024-11-03 13:05:09ނޮސްޓަރ (NOSTR) އަކީ ޕްރައިވަސީ، ސެކިއުރިޓީ އަދި ސެންސަރޝިޕް ރެސިސްޓަންސްއަށް ފަރުމާކުރެވިފައިވާ ލާމަރުކަޒީ (Decentralized) ސޯޝަލް ނެޓްވޯކް ޕްރޮޓޮކޯލެކެވެ.
މި ޕްރޮޓޮކޯލް ބޭނުންކުރާ ފަރާތްތަކަށް މެސެޖު (ޓްވީޓް ނުވަތަ ބްލޮގް ފަދަ) ޕޯސްޓްކުރުމާއި އެއްވެސް މައި ސެންޓްރަލް ޕްލެޓްފޯމަކަށް ބަރޯސާނުވެ އެހެން މީހުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިދެއެވެ.
ނޮސްޓަރ އަކީ "ނޯޓްސް އެންޑް އަދަރ ސްޓަފް ޓްރާންސްމިޓެޑް ބައި ރިލޭސް" ގެ ކުރުގޮތެވެ.
'ރިލޭސް' (Relays) އަކީ ހުރިހާ އެންމެންގެ މެސެޖުތައް ޝެއަރ ކުރެވޭތަނެވެ. ނޮސްޓަރ މަސައްކަތް ކުރަނީ މިކަހަލަ ބައިވަރު ރިލޭސްތައް މެދުވެރިކޮށް، މި ބޭނުންކުރާ މީހުންގެ މެދުގައި ލާމަރުކަޒީ އުސޫލަކުން މެސެޖުތަށް ބަދަލުކުރުމުގައެވެ. މިއިން ކޮންމެ ރިލޭ އެއް މަސައްކަތް ކުރަނީ ވަކިވަކިން މިނިވަންކަމާއެކީ ނޮސްޓަރ ބޭނުންކުރާ ފަރާތްތަކުގެ މެސެޖުތަށް (ޕޯސްޓް އަދި ކޮމެންޓްސް ފަދަ) ރައްކާކުރުމަށް ނުވަތަ ފޯރުކޮށްދިނުމަށެވެ.
ބޭނުންކުރާ ފަރާތްތަކުން ކްރިޕްޓޮގްރަފިކް ތަޅުދަނޑިތަކެއް (Key) މެދުވެރިކޮށް އެމީހުންގެ އަމިއްލަ ޑޭޓާ ކޮންޓްރޯލްކުރެއެވެ. ޕްރައިވެޓް ކީއެއް ނުވަތަ 'އެންސެކް' (NSEC) ބޭނުންކުރަނީ އައިޑެންޓިފައިކުރުމަށާއި މެސެޖުތަކުގައި ސޮއިކުރުމަށެވެ. އަދި ޕަބްލިކް ކީއެއް ނުވަތަ 'އެންޕަބް' (NPUB) ބޭނުންކޭނުންކުރަނީ އެހެން މީހުންނަށް ފެންނަން އަދި ބޭނުންކުރާ ފަރާތް ވެރިފައިކުރުމަށެވެ.
'އެންސެކް' ކީ އަކީ އަބަދުވެސް ރައްކާކުރެވިފައި އޮންނަންޖެހޭ ކީ އެކެވެ. މި ކީ ގެއްލިއްޖެނަމަ އަނބުރާނުއެއް ލިބޭނެ، އަދި ލީކުވެއްޖެ ނަމަ ވަގުންނަށް ތިމާގެ އައިޑެންޓިޓީ ވަގަށް ނެގުމަށް މަގުފަހިވެއެވެ. އެހެންކަމުން ޕާސްވޯރޑް މެނޭޖަރެއްގައި މި ކީ ފޮރުވާފައި ބޭއްވުން ވަރަށް މުހިންމެވެ.
'އެންޕަބް' ކީ އަކީ ތިމާގެ "ޔޫސަރނޭމް" އޭ ބުނެވިދާނެ އެވެ. މި ކީ ނޮސްޓަރ ރިލޭތަކުގައި ސާރޗް ކޮއްގެން ތިމާގެ މެސެޖުތައް ބަލާ ކިޔާ ހެދޭނެއެވެ.
މިހުރިހާ ކަމެއްގެތެރެއިންވެސް މަށަށް އެންމެ ސަޅިވި ތަންކޮޅަކީ މި މެސެޖްތައް ލިޔެ ލިޔަން އެންމެ އެޕްލިކޭޝަނެއް ބޭނުން ކުރަން ނުޖެހޭކަމެވެ. ނޮސްޓަރ ޕްރޮޓޮކޯލް ތެރެޔަށް ވަންނަން މިހާރު ލިބެން ހުރި އެކި ތަފާތު ކްލައެންޓުތައް ބޭނުން ކޮއްގެން ވަދެވޭނެއެވެ. ތިމާ ހިތްހަމަޖެހޭ އެޕެއް ބޭނުން ކުރެވޭނެ، ހަމައެކަނި އެންމެ އެޕަކަށް ބަރޯސާ ވާކަށް ނުޖެހޭނެއެވެ.
ނޮސްޓަރ އަކީ ކަމުދާ ކަހަލަ ޓެކްނޮލޮޖީއަކަށް ވާނަމަ، މިއާ ބެހޭގޮތުން އިތުރަށް ކިޔާލުމަށް ތިރީގައި މިވާ ލިންކުތަކުން ކުރިޔަށް ގެނދެވޭނެ.
https://nostr.com
https://nostr-resources.com
http://nostr.net